
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރު ދޭ މަތީ ތައުލީމުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޒަކާތު ހައުސްއިން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ދީފައި އޮތީ މިއަދާ ޖަމައަށެވެ. ނަމަވެސް އެ ސްކޮލަޝިޕް ޕްރޮގްރާމްއަށް ކުރިމަތިލުމުގެ ފުރުސަތު، އެ ކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އަންނަ މަހުގެ 16އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން މިއަދު ބުންޏެވެ.
އެ ސްކޮލަޝިޕު ޕުރޮގްރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓާސް އަދި ޕީއެޗްޑީ ލެވަލްއަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ. އެ ޕުރޮގުރާމުގެ ދަށުން ޖުމުލަ 40ފުރުސަތު ހުޅުވާލައިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10ފުރުސަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20ފުރުސަތާއި ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5ފުރުސަތާއި، އަންހެނުންގެ ސިއްހަތާއި ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ފަސް ފުރުސަތެވެ.
އޭގެ އިތުރުން، އިޢުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމައުގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ.

