
ކުނި މެނޭޖުކުރާ ގޮތުގެ ކަންކަން ބަލަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ތިލަފުށީގެ ކުނި މެނޭޖުކުރާ މަރުކަަޒަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ނިޔާޒީ ތިލަފުއްޓަށް ވަޑައިގެންނެވީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި ވެމްކޯގެ އިސްވެރިންނާ އެކުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވައި ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މައުލޫމާތު ހޯއްދެވުމުގެ މަގުސަދުގައި ކުރެއްވި ޒިޔާރަތެއް ކަމަށެވެ.
އޭގެ އިތުރުން، އެ ޒިޔާރަތުގައި އޮޑިޓާ ޖެނެރަލް ވަނީ ތިލަފުށީގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ބައްލަވާލައްވައި، މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދެވޭ ހިދުމަތްތަކާއި ގާއިމުކުރެވިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރުކަން އިތުރުކުރުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުންދާނެއެވެ. އަދި މިފަދަ މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ސާފުތާހިރު، ދެމެހެއްޓެނިވި ވެއްޓެއް އޮތް ގައުމަކަށް ހެދުމަށް އެއްބާރުލުން ދިނުމެވެ.

