
ވިހާވެސް ގިނަ ފުލުހުންނާ ސިފައިންނަށް ބޯހިޔާވަހިކަންލިބޭ ގޮތަށް ބަނޑޭރި ކޮށި 1އަދި 2އަލުން ތަރައްގީކުރަން ނިންމައިފިއެވެ.
ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އޮތީ އިޢުލާންކުރައްވާފައެވެ.
އެހެންވެ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1އަދި 2އަލުން ތަރައްގީކޮށް، ވީހާވެސް ގިނަ އަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ހިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަަށް އެމްއެންޑީއެފްއިން މިއަދު ބުންޏެވެ.
މި މަޝްރޫއުއަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށް ޓަކައި، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
“މިގޮތުން ފުރަތަމަ ތަރައްގީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1ތަރައްގީކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން މި ދަނީ ވަމުންނެވެ. މިގޮތުން ބަނޑޭރިކޮށި 1އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ޓަކައި ދޫކުރެވިފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެ ފަރާތްތަކަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މައުލޫމާތު ހިއްސާކޮށް، މި ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި، ހައްލުތައް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ”އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ ބަނޑޭރިކޮށި 1ތަރައްގީކުރެވުމާ އެކު، މިހާރު ބަނޑޭރިކޮށި 1ގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްގީކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

