
ދިވެހިރާއްޖެއަކީ 2040ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒަށް ވާސިލްވުމުގައި ޗައިނާގެ އިންވެސްޓަރުންގެ އެހީތެރިކަމާއި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތުދެއްވައިފިއެވެ.
މިކަމަށް ރައީސް އިލްތިމާސްކުރެއްވީ “ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް” އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ދެ ޤައުމުގެ އިޤްތިސާދީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުތަކަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއް ކަމަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ އޯގަސްޓް މަހާ ހަމައަށް ޗައިނާއިން ރާއްޖެއަށް 440 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން 124 މިލިއަން ޑޮލަރުގެ މުދަލަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެތެރެކުރި ތަކެތިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އުފެއްދުންތަކާއި މަހުގެ ބާވަތްތަކަށް ޗައިނާގެ ބާޒާރުގައި ބޮޑު ފުރުސަތެއް އޮތް ކަމަށެވެ. “އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަޤުވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން ޑިޖިޓަލް އިޤްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އަލިޕޭ އަދި ވީޗެޓްޕޭ ފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ފަތުރުވެރިންނަށް ޚަރަދުކުރުމުގައި ލުއިފަސޭހަވެ، ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެކަން ފާހަގަކުރެއްވިއެވެ. ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޖިއޯގްރަފީގެ ގޮންޖެހުންތަކުން އަރައިގަނެ، ޒުވާނުންނަށް އައު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

