
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله، ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ)ގައި ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައި ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންއަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ހިނގާ މަހުގެ 26އިން 28އަށް ކުރިއަށްގެންދާ މި ބައިނަލްއަޤުވާމީ ބައްދަލުވުމުގައި، “ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން” މި މައުޟޫޢުގެ ދަށުން، ދުނިޔޭގެ ޤާނޫނުތައް ނެގެހެއްޓުމާއި މައްސަލަތައް ސުލްހަވެރިކަމާ އެކު ހައްލުކުރުމުގެ މައްޗަށް ބިނާކޮށް މަޖިލީހުގެ ރައީސް ޚާއްޞަ ތަޤުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ދިވެހިރާއްޖޭގެ ފަރާތުން މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިންގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ އިދާރީ އިސް ބޭފުޅުން ކަމަށްވާ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ވަފުދުގައި ހިމެނެއެވެ.
އައި.އެސް.ސީއަކީ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސް މަންދޫބުން އެއްތަންވެ، ދުނިޔޭގެ ސުލްހައާއި، ޤާނޫނީ އޮނިގަނޑުތަކުގެ އިތުރުން ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ބާއްވާ މުހިންމު ކޮންފަރެންސެކެވެ.

