
ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން އެ ރަށުގައި ސާވޭކުރަން ފަށައިފިއެވެ.
ސަރުކާރުން 71 މިލިއަން ރުފިޔާ ޚަރަދުކޮށް، ދެ އަހަރު ދުވަހުގެ ތެރޭގައި މުޅިން ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އިތުރުން ވެސް، ފިޔޯރީގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ޒަމާނީކުރުމުގެ އިތުރުން މަސްކިރާ ކާރުޚާނާއެއް ބިނާކުރުން ފަދަ މުހިންމު ސިނާޢީ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމަށް ސާވޭ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.#TeamRDC pic.twitter.com/2m2jfIwxvi
— Road Development Corporation Ltd (@rdcmaldives) August 25, 2026
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު މަގުތަކެއް ހެދުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމަކަށްވާއިރު، ފާއިތުވި އަހަރު އެކަނި ވެސް ހަ ރަށެއްގެ މަގުހަދައި ވަނީ ނިންމާފައެވެ. އޭގެ އިތުރުން، ނިމިދިޔަ އަހަރު ސޮއިކުރެވުނު 57 މަޝްރޫޢާ އެކު ޖުމްލަ 97 ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރެވެމުންނެވެ. އަދި މިއަހަރު އަލަށް އިތުރު 13 ރަށެއްގެ މަސައްކަތް ހަވާލުކުރެވިފައިވާތީ، މުޅި ރާއްޖޭގައި މަގު ހެދުމުގެ 110 މަޝްރޫޢު އެކި މަރުޙަލާތަކުގައި ކުރިއަށްދާނެއެވެ.
މަގުހެދުމާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި 2019ވަނަ އަހަރު ރިޔާސީ ޤަރާރަކުން އުފެއްދި އާރްޑީސީގެ ދައުރު، މިހާރުގެ ސަރުކާރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އަދި އެ ކުންފުނިން ދަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ.

