
ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން 23 ޖުލައި 2026ގެ ނިޔަލަށް އެކުލަވާލައި ތައްޔާރުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިކަމަށް މަގުފަހިވީ، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ، 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރުވެ، 16.4 ބިލިއަން ރުފިޔާއިން 18.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. މި މުއްދަތުގައި ޖީ.އެސް.ޓީ ގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތަ ނުވަތަ 878.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތްތަކުން ނަގާ ޖީ.އެސް.ޓީން ލިބުނު އާމްދަނީ ވަނީ އިތުރަށް ކުރިއަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރުވެ، 3.1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާއަށްވުރެ 371.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓީ.ޖީ.އެސް.ޓީ 8.0 އިންސައްތަ ނުވަތަ 507.2 މިލިއަން ރުފިޔާ އިތުރުވެ، 6.4 ބިލިއަން ރުފިޔާއިން 6.9 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4 ބިލިއަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ، 23 ޖުލައި 2026ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ.

