
މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ހިންގާ މިފްކޯގެ މަސްފިހާރަތައް މިއަދުން ފެށިގެން ހުކުރު ދުވަހު ވެސް ހުޅުވާފައި ބެހެއްޓުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ގެނެވުނު ބަދަލާ އެކު، ރީޓެއިލް ފިހާރަތަކުން ވިޔަފާރިކުރެވޭނެ އާ ގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ހުކުރު ދުވަސްތަކުގެ ހެނދުނު 8:30އިން 10:30އަށް އަދި ރޭގަނޑު 8:00އިން 11:00އަށް ފިހާރަތަކުން ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ހަފުތާގެ ބާކީ ހުރި ދުވަސްތަކުގައި ނަމާދު ވަގުތުތައް ފިޔަވައި، ހެނދުނު 8:30އިން ފެށިގެން ރޭގަނޑު 11:00އާ ހަމައަށް ފިހާރަތައް ހުޅުވާފައި ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
MIFCO Mas Fihaara is now open 7 days a week with extended shopping hours until 23:00! pic.twitter.com/K00bRxhXe9
— MIFCO (@mifcomv) August 1, 2026
ސަރުކާރުގެ މަސް ކުންފުނިން ހާމަކުރާ ގޮތުގައި، މިގޮތަށް ހަމަޖެއްސުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިންގެ ސަގާފަތުގައި ހުކުރު ދުވަހުގެ މެންދުރު ކެއުމަކީ އާއިލާތައް އެއްވެ އުފާފާގަތިކަމާ އެކު ކުރިއަށްގެންދާ ކަމަކަށް ވުމުން، އެކަމަށް ބޭނުންވާ ތާޒާ ކަނޑުމަހުގެ ބާވަތްތައް ފަސޭހައިން ގަންނަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ހަމައެހެންމެ، ކޮންމެ ހުކުރު ދުވަހަކާ ގުޅުވައިގެން ތަފާތު އައު އުފެއްދުންތައް ބާޒާރަށް ނެރުމަށް ވެސް ވަނީ އަމާޒުހިފާފައެވެ.

