
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގަދަ ވަޔާއެކު އުދައެރުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މައުލޫމާތު ދެއްވާ ގޮތުގައި، އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ވަނީ ވައިގަދަވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެއް ގޭގެ ފުރާޅު އެއްކޮށް ވަޔާ ގޮސްފައިވާއިރު، އަނެއް ގޭގެ ބަދިގެ މައްޗަށް ބޮޑު ބަނބުކެޔޮ ގަހެއް ވެއްޓި ވަނީ ހަލާކުވެފައެވެ. މި ހާދިސާއާ ގުޅިގެން ސިފައިންނާއި ރަށު ކައުންސިލް ގުޅިގެން، ގެއްލުން ލިބުނު ފުރާޅުތައް މަރާމާތުކޮށް އެ އާއިލާތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް މި އޮތޯރިޓީއަށް ވަނީ ލިބިފައެވެ.
އެގޮތުން، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި،… pic.twitter.com/nYRgRnDvYw
— NDMA Maldives (@NDMAmv) August 1, 2026
މީގެ އިތުރުން، ދ. ރިނބިދޫ އަދި ލ. އިސްދޫއަށް ވަނީ އުދައަރާފައިވާ ކަމަށާއި ރިނބިދޫގެ މަގުތަކަށާއި ގޯތިތަކަށް ލޮނުގަނޑު ވަނުން ހުއްޓުވުމަށްޓަކައި، އެ ރަށުގެ އާންމު ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ވަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ ބުނެއެވެ. ހަމައެއާ އެކު، އިސްދޫ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެއެވެ. އެ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި، ގަޑިއަކު 13 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. ކަނޑުތައް ގަދަވެފައި ވިއްސާރަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

