
ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް މާލީ މުޢާމަލާތްތައް ވެސް ކުރެވޭ ފަދަ ޒަމާނީ “ސްމާޓް އައިޑީ ކާޑެއް” ތަޢާރަފުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަލަށް ތަޢާރަފުކުރާ މި ކާޑަކީ އިނގިލީގެ ނިޝާން ބޭނުންކޮށްގެން ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބިގަނެވޭނެ، ރައްކާތެރި އަދި ލުއިފަސޭހަ ނިޒާމެއް ކަމަށެވެ. މީގެ ސަބަބުން ސަރުކާރުގެ އެކި އިދާރާތަކުން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމަށާއި، އަމިއްލަ ރެކޯޑުތައް ބެލެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެ ޑިޖިޓަލް ކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، 2030ވަނަ އަހަރާ ހަމައަށް އަންނައިރު ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤުތިޞާދަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޒާތީ މަޢުލޫމާތު ރައްކާތެރިކުރެވޭނެ ހަރުދަނާ ޑިޖިޓަލް އައިޑީ ނިޒާމެއް ޤާއިމުކުރުމާއި، މުއައްސަސާތަކުގެ މެދުގައި ފަސޭހައިން މަޢުލޫމާތު ބަދަލުކުރެވޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު ވެސް ދިހަ އަހަރުން މަތީގެ އާބާދީގެ 80 އިންސައްތަ މީހުން ނުވަތަ ދެ ލައްކަ ހަތްދިހަ ދެހާހަށްވުރެ ގިނަ ދިވެހިން އަންނަނީ ޑިޖިޓަލް އައިޑީގެ ޚިދުމަތް ބޭނުންކުރަމުންނެވެ. ސަރުކާރުން މިހާރު ގެންނަން ނިންމާފައިވާ އައު ބަދަލުތަކާ އެކު، މިހާރު ބޭނުންކުރާ އީ-ފާސް ނިޒާމަށް ވެސް ޒަމާނީ ކުރިއެރުންތައް ގެނެވި، އާންމުންގެ ގިނަ ކަންބޮޑުވުންތަކަށް ނިމުމެއް އަންނާނެކަމަށް ދައުލަތުން ބުނެއެވެ.

