
ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައިގެން ގެއްލުނު ދެ ބިދޭސީން އަދިވެސް ފެނިފައިނުވާ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އިއްޔެ ހެނދުނު 08:48 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ ދިހަ މީހުން ތިބިއިރު، އޭގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ފުލުހުން ކަށަވަރުކޮށްދެއްވާ ގޮތުގައި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ރާއްޖޭގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް ވައިގެ މަގުންނާއި ކަނޑުގެ ބޮޑު ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މިހާތަނަށް އެ މީހުންގެ އެއްވެސް ހިލަމެއް ވެފައެއް ނުވާ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ. މި ހާދިސާއިން ސަލާމަތްވި މީހުން ގާފަރަށް ގެންގޮސްފައިވާއިރު، ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފިޔަވައި އެންމެންގެ ހާލު ވެސް އާންމުގޮތެއްގައި ރަނގަޅުކަމަށް ގާފަރު ކައުންސިލުން މައުލޫމާތުދެއެވެ.
މުޅި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މޫސުމީ ވިއްސާރައިގައި ކަނޑުތައް ގަދަވެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. މިކަމާ ގުޅިގެން، މޫސުމަށް ސަމާލުކަންދީގެން ދަތުރުފަތުރު ކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

