
މަސްތުވާތަކެއްޗާ އެކު މާލެއިން 2 ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް / ހޯދަޑު.މަނާގެ، ޒަޔާން ޢަބްދުއްލަޠީފް (22އ) އާއި ވ. ފުލިދޫ / އެވަރެސްޓް، އަޙްމަދު ދައުސް ޢަބްދުލްޤާދިރު (19އ) ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި އޮގަސްޓު މަހުގެ 1ވަނަ ދުވަހުއެވެ.
މި ދެ މީހުންގެ ތެރެއިން ޒަޔާން ޢަބްދުލްޤާދިރު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 20.78 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަޙްމަދު ދައުސް ޢަބްދުލްޤާދިރު ހައްޔަރުކޮށްފައި ވަނީ ފުލުހުން މާލެތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 27.32 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒަޔާން ޢަބްދުލްލަޠީފް 15 ދުވަހަށް އަދި ދައުސް ޢަބްދުލްޤާދިރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

