
މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު، ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ސަތޭކަ އިންސައްތައިގެ ކުރިއެރުމަކާ އެކު ދެގުނަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ޖޫން މަހުގެ ތެރޭގައި އެކަނި ވެސް 21,298,021.15 ރުފިޔާ މުދަލު ޒަކާތުގެ ފަންޑަށް ޖަމާވެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ ނިސްބަތްކުރާއިރު ސީދާ 100 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ފައިސާ ލިބުނު ނިސްބަތް އިތުރުވެފައިވާއިރު، ޒަކާތް ހައްގުވާ ފަރާތްތަކަށް ފައިސާ ދޫކުރި މިންވަރު ވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ޖޫން މަހު އެކި ދާއިރާތަކަށް 18,824,537.13 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ދޫކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންނަށެވެ. އެ ފަރާތްތަކަށް އެކަނިވެސް 16,995,735.75 ރުފިޔާ ހޭދަކޮށްފައިވާކަން ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، މި އަހަރުގެ ދެވަނަ ކުއާޓަރު ކަމަށްވާ އެޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ލިބުނު ފައިސާގެ ޖުމްލަ 34.40 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ 202 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއަށް ވުރެ 28.73 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވުމަކީ ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު (61.58 މިލިއަން ރުފިޔާ) 29.48 އިންސައްތައިގެ ކުރިއެރުމެއްކަން ތަފާސްހިސާބުތަކުން ކަށަވަރުކޮށްދެއެވެ.

