
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ ޤައުމީ އިނާމު، “ރިވެލި އެވޯޑު”އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން “އޯގާތެރި މުޖުތަމަޢު” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާނޫނު ތަންފީޒުކުރުމުގެ ބައެކެވެ. މި އެވޯޑުގެ މައިގަނޑު އަމާޒަކީ އެފަދަ ފަރާތްތައް މުޖުތަމަޢުގައި ބާރުވެރިކުރުވައި، އެ މީހުންގެ މިނިވަންކަމާއި ކުރިއެރުމަށް މަގުފަހިކޮށްދޭ އާންމު ފަރުދުންނާއި މުއައްސަސާތަކުގެ ޚިދުމަތްތައް ފާހަގަކޮށް ހިތްވަރުދިނުން ކަމުގައި ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އާންމުން ހޭލުންތެރިވެ، މުޖުތަމަޢުގެ އެކި ކަންކަމުގައި އެ މީހުންގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ޖުމްލަ ހަ ދާއިރާއަކުން މިފަހަރު އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތަޢުލީމާއި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ އިތުރުން، މި ރޮނގުން ޚިދުމަތްކުރާ އަމިއްލަ ޖަމިއްޔާތަކާއި ފަންނީ އެހީތެރިން ހިމެނެއެވެ.
އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އުސޫލުތައް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުންނާއި، ވެބްސައިޓުން އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 30 އޮގަސްޓު 2026ވާ ދުވަހުގެ މެންދުރުފަހު 13:00އެވެ. ފުރިހަމަކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅާނީ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ ކަނޑައެޅިފައިވާ އީމެއިލް އެޑްރެހަށެވެ.

