
ދިވެހި އުފެއްދުންތެރިންގެ ހުނަރުވެރިކަން ކުރިއެރުވުމުގެ މަޤުޞަދުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން 2026ވަނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު” ގައި ބައިވެރިކުރާ ތަކެއްޗަށް އިންސާފުކޮށްދޭނެ ޤާބިލު ފަނޑިޔާރުން ހޯދުމަށް މިއަދު އިޢުލާނުކޮށްފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފާގެމަތިން ކުރިއަށްގެންދާ މި މައުރަޒަށް ފަނޑިޔާރުން ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އެ މީހެއްގެ ތަޢުލީމީ ފެންވަރާއި، ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، ކަމާގުޅޭ ޤާނޫނުތަކަށް ހޭލުންތެރިވެފައިވާ މިންވަރަށެވެ. މީގެ އިތުރުން، ކުރިން ފަނޑިޔާރުކަން ކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކާއި، މަސައްކަތަށް ވަގުތު ހުސްކުރެވޭނެ މިންވަރަށް ވެސް ރިއާޔަތްކުރެވޭނެ ކަމަށް ބީސީސީން މަޢުލޫމާތުދެއެވެ. ފަނޑިޔާރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓު މަހުގެ 26ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އެޕްލިކޭޝަން އަދި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.
ފަނޑިޔާރުކަމަށް ހޮވޭ ފަރާތްތަކަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ސެޕްޓެމްބަރު މަހުގެ 15އިން 30އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުފެއްދުންތަކަށް މާކްސް ދިނުމުގެ މަރުޙަލާ ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1އިން 23ގެ ނިޔަލަށެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ފަނޑިޔާރުންނަށް ބީސީސީގެ އުޞޫލުތަކުގެ ތެރެއިން ޚާއްޞަ މާލީ އިނާޔަތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް މިހާރު ހުޅުވާލާފައިވާއިރު، އޮގަސްޓު މަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ބީސީސީން ހާމަކުރާ ގޮތުގައި މިހާތަނަށް ވެސް ގިނަ އަދަދެއްގެ އުފެއްދުންތެރިން ވަނީ މި އިވެންޓުގައި ބައިވެރިވުމަށް އެދިފައެވެ.

