
މާލެ ވިޔަފާރިި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާތައް ނެގުމަށް މުއްދަތެއްދީފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުނަގައި ގިނަދުވަސްވީ މުދާތައް 07 ދުވަސްތެރޭ ނެގުމަށެވެ. މި މުދާތަކުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުވައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަ އެތަކެއްޗާމެދު ވަކިގޮތެއް ނިންމައި ވިޔަފާރި ބަނދަރުން ނެނގުމަށް ނުވަތަ ނައްތާލުމަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މުދާތައް ނުނަގައިފިނަމަ އެ ކުންފުނީގައި އަމަލުކުރުމަށް ހަމަޖެހިފައި އޮތް ގަވާއިދުގެ މަތިން ނީލަމުގައި ވިއްކާލެވޭނެ ކަމަށާއި އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާތައް ނައްތާލުމަށް ފަހު އެ މުދާތައް ނައްތާލުމަށް ހިނގާ ހަރަދު މުދަލުގެ ވެރިފަރާތަށް ބިލު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މާލެ ވިޔަފާރި ބަނދަރުން ނުނަގައި ގިނަ ދުވަސްވީ މުދާތައް ނެގުމަށް މީގެ ކުރިން ވެސް އެމްޕީއެލުން އިއުލާނު ކުރެއެވެ. އަދި އެ ކުންފުނިންދޭ މުއްދަތުގައި ނުނަގާ މުދާތައް ނީލަމުގައި ވިއްކާލައެވެ.

