
އޭވިއޭޝަން ސިނާއަތް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި، ވައިގެ ދަތުރުފަތުރުގެ އައު ދެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މިފަދަ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއަށް ލިބިދޭ ‘ޓްރެފިކް ރައިޓްސް’ގެ ފުރިހަމަ މަންފާ ހޯދުން ކަމަށެވެ. މާޒީގައި އެކި ސަބަބުތަކާ ހުރެ މި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައި ނެތް ނަމަވެސް، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އައު މަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަގުތައް ތަނަވަސްކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އަލަށް އެކުލަވާލެވޭ ދެ އެއްބަސްވުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. މިއީ ގިނަ ވަގުތު ނަގާނެ ބުރަ މަސައްކަތްތަކެއް ކަމުގައި ވިޔަސް، މިހާރު ކަންކަން ހިނގަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ވަރަށް އަވަސް މުސްތަޤުބަލެއްގައި މީގެ ހެޔޮ ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
އެއަރ ސަރވިސް އެގްރީމެންޓަކީ ދެ ޤައުމެއް ނުވަތަ އެއަށްވުރެ ގިނަ ޤައުމުތަކެއްގެ މެދުގައި ވިޔަފާރީގެ އުސޫލުން ވައިގެ މަގުން ދަތުރުފަތުރު ކުރުމުގެ ހަމަތައް ބަޔާންކުރާ މުހިންމު ލިޔުމެކެވެ. ދިވެހިރާއްޖޭގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު، މިއީ ބޭރުގެ އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދައާއި، ސީޓު ކެޕޭސިޓީ އަދި ދަތުރުކުރެވޭނެ މާކެޓުތައް ކަނޑައަޅައިދޭ، ރާއްޖެއަށް ނުހަނު ބޭނުންތެރި އެއްބަސްވުންތަކެކެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖެއިން ވަނީ އެފްރިކާ ބައްރުގެ ޤައުމެއް ކަމަށްވާ އިތިއޯޕިއާއާ އެކު ވެސް މިފަދަ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މިއީ އެފްރިކާގެ ޤައުމަކާ އެކު މިފަދަ އެއްބަސްވުމެއް ހެދުނު 6ވަނަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށިގެންދާނެއެވެ. ހަމައެހެންމެ، އޮސްޓްރޭލިއާއާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން މިހާރު އަންނަނީ އެ ޤައުމަށް ސީދާ ދަތުރުތައް ކުރަމުންނެވެ.

