
ހުޅުމާލޭގައި ހަދާނީ ވަގުތީ މިސްކިތުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިފަދައިިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝަހީމް ވިދާޅުވީ ހުޅުމާލޭގައި އެތަށް އަހަރެއްވަންދެން ޓިނުން ހިޔާކޮށްގެން ވަގުތީ މިސްކިތްތައް ބިނާ ކޮށްފައިވާ ކަމަށާއި މި މިފަދަ މިސްކިތްތަކަކީ ރާއްޖޭގެ ވެރި ރަށާއި ގުޅިފައިވާ ހުޅުމާލެ ފަދަ ތަނަކާއި އެކަށީގެންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
“ބައެއް ހެޔޮ އެދޭ ފަރާތްތަކުން މި ތަންތަނާ (ވަގުތީ މިސްކިތްތަކާއި) ހަވާލުވެފައި ހުރި ނަމަވެސް ވަރަށް ބޮޑެތި ދަތިތައް އެފަރާތްތަކަށް ވެސް ދިމާވެފައި ހުރީ . އެހެންވީމަ އެޗްޑީސީ އާ އިސްލާމިކް މިނިސްޓްރި އާ ގުޅިގެން އެ ފަރާތްތަކަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށް ދާއިމީ މިސްކިތްތައް އިރާދަކުރެއްވިއްޔާ މާލެ އޭރިއާގައި ގާއިމް ކުރެވިގެންދާނެ.” ޝަހީމް ވިދާޅުވިއެވެ.
މާލެގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ އެހެން ހުރިހާ މިސްކިތްތަކަށް ސްޕޮންސާ ހަމަޖެހިފައިވާ ކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ ބޭނުންފުޅުވެލައް ވަނީ ރާއްޖެއަކީ މި ސަރަހައްދުގައި ވެސް އެންމެ ރީތި މިސްކިތްތައް ހުރި އިސްލާމީ ގައުމަށް ހެއްދެވުން ކަމަށެވެ.
މީގެ އިތުރުން ޝަހީމް ވަނީ ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތަށް އަލިއަޅުއްވާލައްވާފައެވެ. ޝަހީމް ވިދާޅުވީ އެ މިސްކިތުގެ ޑިޒައިންގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި މި މިސްކިތުގެ އަމަލީ މަސައްކަތް ރާއްޖެ އިސްލާމްވިތާ ނުވަ ސަތޭކަ އަހަރުވުމާ ދިމާކޮށް އަންނަ ސެޕްޓެމްބަރު މަހުގައި ފަށާނެ ކަމަށެވެ. އަދި މި މިސްކިތުގެ މަސައްކަތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

