
ރިކޯޑު އަދަދެއްގެ މަޝްރޫޢުތަކެއް އަންނަ އަހަރުގެ ތެރޭގައި ނިންމާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އަމާޒުހިފައި، އެކަމުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ހާމަކުރެއްވި ގޮތުގައި، މި ވަގުތު ވެސް 719 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ހިނގަމުންނެވެ. އަދި އިތުރު 587 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރެވި، އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ހިނގަމުންދާ އަހަރުގެ ނިޔަލަށް 28 މަޝްރޫޢެއް އެއްކޮށް ނިންމާލުމަކީ ކުންފުނީގެ މުހިންމު އަމާޒެކެވެ.
“2027ވަނަ އަހަރާ ހަމައަށްދާއިރު ގާތްގަނޑަކަށް 500 މަޝްރޫޢު ނިންމާލެވޭނެ،” ސަޢުދީ ވިދާޅުވިއެވެ.
މީގެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރަކީ އެމްޓީސީސީގެ ތާރީޚުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމަން ޖެހޭ އަހަރަށް ވުމާ އެކު، މަސައްކަތްތައް ވަނީ އެކަމަށް އެކަށޭނަ ގޮތަކަށް ރާވާފައެވެ. މީގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާގެ އިތުރުން އެއަރޕޯޓުތައް ތަރައްޤީކުރުމާއި ބިން ހިއްކުމުގެ ބޮޑެތި މަސައްކަތްތައް ހިމެނޭއިރު، ދިރާސީ އައު އަހަރަށް ބޭނުންވާ ތަޢުލީމީ ބިނާތައް ނިންމުމަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.
މި ޕްރޮޖެކްޓުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިންގައި ރައްޔިތުން އެދިފައިވާ ކަންކަމާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް އެމްޓީސީސީން ވަނީ 50 މަޝްރޫޢެއްގެ މަސައްކަތް މުޅިން ނިންމާލާފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢެއްގެ އިތުރުން ޒަމާނީ ފެންވަރަށް ބަނދަރު ހެދުމުގެ 10 މަޝްރޫޢެއް ހިމެނެއެވެ.

