
އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގައި ދިވެހިރާއްޖެ ދާއިމީ މަންދޫބެއްގެ ގޮތުގައި ޠާރިޤް އިބްރާހީމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، ރުހުން ހޯއްދެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ފޮރިން ސަރވިސްގެ ޤާނޫނު ބަޔާންކުރާ ގޮތުން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ސަފީރުންނަށް މަޖިލީހުގެ ރުހުން އޮންނަންޖެހެއެވެ. އެހެންކަމުން، ޠާރިޤަށް މި މަޤާމު ރަސްމީކޮށް ލިބިވަޑައިގަންނަވާނީ ކޮމިޓީގެ މަރުޙަލާއަށްފަހު، މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓަކުން އޭނާއަށް ރުހުން ލިބިވަޑައިގަތުމުންނެވެ.
ތިމާވެއްޓާއި ހަކަތައިގެ ސިނާޢަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޠާރިޤަކީ، ސަރުކާރުގެ ތިމާވެއްޓާބެހޭ ވުޒާރާގެ ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ މިހާރު ހުންނެވީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. އައިރީނާގައި އެންމެ ފަހުން ރާއްޖެ ތަމްސީލުކުރައްވާފައި ވަނީ، އޭރު ޔޫއޭއީގެ ސަފީރުކަމުގައި ހުންނެވި މުޙައްމަދު ޙުސައިން ޝަރީފެވެ.
ދުނިޔޭގެ ފެންވަރުގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް މަސައްކަތްކުރާ އައިރީނާ ވުޖޫދަށް އައިސްފައި ވަނީ 2009ވަނަ އަހަރުގެ ތެރޭގައެވެ. އެ ޖަމާޢަތް އުފެދުނު އިރުއްސުރެ ރާއްޖެއިން އަންނަނީ މެންބަރެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންނެވެ. މިހާރު އެ އިދާރާގައި ވިލާތުގެ އިއްތިޙާދުގެ އިތުރުން ދުނިޔޭގެ 169 ޤައުމަކުން ބައިވެރިވެއެވެ.

