
މި އަހަރު ނިމޭއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދު ނިމިދިޔަ އަހަރަށްވުރެ އިތުރުވާނެކަުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤުވާމީ މަސްރަޙަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަށް ކުރި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އަހަރުގެ ފަހު ދެ ކުއާޓަރުގެ ބުކިންތަކާއި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފަޔަށް ބަލާއިރު، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރަނގަޅު ނަތީޖާއަކާ އެކު ނިންމާލެވޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންތިހާއަށް ކުރިއެރުން ލިބުނު އަހަރެއް ކަމަށާއި، އެ އަދަދުތަކާ އެއްވަރުގެ ނަތީޖާއެއް މިއަހަރު ހާސިލުކުރެވިއްޖެނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ. އަދި މިއީ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކާއި ސަރުކާރު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ސީދާ ނަތީޖާކަން އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ މަގުން ކުރާ ދަތުރުތަކުގެ ރާސްތާއަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެ، ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ހަމައެއާ އެކު، މެދުއިރުމަތީގެ ފަތުރުވެރިން އަންނަ މިންވަރަށް ވެސް މިކަމުގެ ސަބަބުން ހީނަރުކަމެއް އައިސްފައިވާކަން އެނގިފައިވެއެވެ. އެހެންނަމަވެސް، އައު މާކެޓުތަކަށް އަމާޒުކޮށްގެން ސަރުކާރުން ހިންގި ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ސަބަބުން މި ހީނަރުކަން ފޫބައްދައި، ފަތުރުވެރިން އަންނަ މިންވަރު ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1,198,343 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި އައި 1,256,306 ފަތުރުވެރިންނާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް، މި ހިނގާ މަހުގެ ތެރޭގައި ފަތުރުވެރިން އައިސްފައިވާ ނިސްބަތް ދަށްވެފައި ވަނީ އެންމެ 1.4 އިންސައްތައިގައެވެ.

