
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކޮށް ރަނގަޅު ސައިޒަށް ކުންފުނިތައް ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ވެސް މުވައްޒަަފުންނަށް ދޭން ޖެހޭ ހައްގުތައް ކަށަވަރުކޮށް، އިނާޔަތްތައް ވެސް ދީފައި ކަން ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ފާހަގަކުރައްވައިފިއެވެ.
ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި، އަދި ކުންފުނިތަކަށް ނުތަކާ ވަރަށް މުވައްޒަފުން ތިބުމުން ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް އަންގައިފައެވެ. އެ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް އެ އަދަދު ހާސިލްކުރުމަށް ޕީސީބީން ވަކި ސާކިއުލާއެއް މި މަހުގެ 12ވަނަ ދުވަހު ކުންފުނިތަކަށް ފޮނުވާފައިވެއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ވަޒީފާއިން ވަކިކުރަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ކުންފުނިތަކުގެ އެތެރޭގެ އުސޫލުތަކާ ވެސް އެއް ގޮތަށް މުވައްޒަފުންގެ ހައްގުތައް ވެސް ކަށަވަރުކޮށްދިނުމަށް ފަހުގައެވެ.
އެ ގޮތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ ކުންފުނިތަކުން ވަޒީފާއިން ވަކިކުރަމުން ދަނީ ހުރިހާ އިނާޔަތަކާއި ފުރުސަތުތައް ދީފައިކަމެވެ. އެއިން ބައެއް މީހުން ވިޔަފާރިތައް ފެށުމަށް ލުއި ލޯނު ދިނުން ފަދަ ފުރުސަތުތައް ވެސް ފަހިކޮށްދީފައި ކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވެސް ފާހަގަކުރެއްވީ އެ ގަރާރުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ނަންތަކުގެ ލިސްޓެއް ނެތީ ވެސް ނުހައްގުން ވަޒީފާއިން ވަކިކުރި ބަޔަކު ނެތުމުން ކަމަށެވެ.
އެ ގޮތުން ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ވަނީ އިދިކޮޅު އެމްޑީޕީން ހުށަހެޅި ގަރާރުގައި އޮތީ މުޅިން ވެސް ހަގީގަތާ ހިލާފު ވާހަކަތައް ކަމާއި ސަރުކާރުންނާއި ކުންފުނިތަކުން މުވައްޒަފުންނާ މެދު ކަން ކުރަމުން ދަނީ އޯގާތެރިކޮށް ކަމަށެވެ.

