
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ މަޤްޞަދުގައި އެސްޓީއޯ މެދުވެރިކޮށް ފަށާފައިވާ އޮފްޝޯ ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއަށް އަރާފައިވާކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
މި ވިޔަފާރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ނިމިދިޔަ އެޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 923.46މިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ދައުލަތަށް ވަދެފައިވާ ކަމަށެވެ. މިއީ 2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ޚާއްސަ ބޯޓެއް ގެނެސްގެން، ބަނދަރެއްގެ ވަސީލަތާ ނުލައި ފެށި ޚިދުމަތަކަށް ބަލާއިރު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ބަންކަރިންގެ ސަބަބުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މާލީ ފައިދާވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއެކު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 5.49ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 27އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ، ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު 18މިލިއަން ލީޓަރަށް އިތުރުވުމާ ގުޅިގެންނެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ބަންކަރިންއަށް ބޭނުންކުރާ ތެލުގެ 90އިންސައްތައަކީ ރާއްޖެއަށް މުޅިން އަލަށް އެތެރެކޮށް ވިއްކަން ފެށި “ލޯ ސަލްފަރ އޮއިލް”އެވެ. ދުނިޔޭގެ ނަންމަޝްހޫރު ވިޓޯލް ކުންފުންޏާ ގުޅިގެން ފަށާފައިވާ މި ވިޔަފާރި ފުޅާކޮށް، ދިވެހިރާއްޖޭގެ އާމްދަނީގެ މަސްދަރުތައް އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

