
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ސިންތެޓިކް ކެތިނޯން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ޖޫން މަހުގެ 18ވަނަ ދުވަހު ރާއްޖެއަށް ގެނެވުނު ޕޯސްޓު މުދަލުގެ ތެރެއިން، ޝައްކުކުރެވިގެން ބަލައި ފާސްކުރި މި ޕެކޭޖުގެ ތެރެއިން ފެނުނު ތަކެތި ތަހުލީލުކުރިއިރު ވަނީ ސިންތެޓިކް ކެތިނޯން ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައި ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.6 ކިލޯ ހުރިކަމަށާއި، މީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
18 ޖޫން 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ސިންތެޓިކް ކެތިނޯން
🔹ބަރުދަން: 3610 ގްރާމް
🔹މަަގުމަތީއަގު: 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/eBtXHidjsJ— Maldives Customs Service (@CustomsMv) July 9, 2026
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ މި ޕާރުސަލް ފޮނުވާފައި ވަނީ ކޮން ގައުމަކުންކަން ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އާންމު އިޖުރާއަތްތަކުގެ ދަށުން، މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

