
ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެ ދާއިރާއަށް ގެނެވިދާނެ މުހިންމު ބަދަލުތަކާއި ކުރެވިދާނެ އައު ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފަންނާއި، ސަގާފަތާއި އަދި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ފަންނުވެރިންނާ އެކު އިއްޔެ ބޭއްވި “ފަންނުވެރިންގެ އަޑު” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ފޯރަމް ނިންމަވާލެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ މިފަދަ ގޮތަކަށް ފަންނާނުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ދިވެހި ބޭސްވެރިކަމާއި، ކުރެހުމުގެ ފަންނުގެ އިތުރުން ސަގާފީ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވެ، އެމީހުންގެ ތަޖުރިބާތަކާއި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.
ފަންނުވެރިން ދެއްވި ޚިޔާލުތަކާއި ފާޅުކުރި ޝުއޫރުތަކުގެ އަލީގައި ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ގިނަ މަސައްކަތްތަކެއް ދެނެގަނެވިފައިވާކަން ހީނާ ވިދާޅުވިއެވެ. އެކަމަނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދާ އެކު ސިޔާސަތުތައް ބައްޓަންކުރުން ކަމަށެވެ.
ދިވެހި ގައުމިއްޔަތު އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ އިސް އެއް ރިޔާސީ ވައުދަށް ވާއިރު، މިހާރު ވެސް އަންނަނީ ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެމުންނެވެ. އަދި ހަމައެހެންމެ، ރާއްޖޭގެ މާނަވީ ތަރިކަ ރައްކާތެރިކުރުމަށާއި، މި ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ގައުމީ ފެންވަރުގައި ދަނީ ކުރެވެމުންނެވެ.

