
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު 117 ސިފައިންނާ އެކު، އަސްކަރީ ހުނަރުތައް ދަސްކޮށްދޭ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހަވީރު ބާއްވައިފިއެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ ސިފައިންގެ ޕެރޭޑް އިންސްޕެކްޓްކޮށްދެއްވުމަށް ފަހު، ކޯހުން މަތީ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ދެއްވައި، ދަސްވެނިވި ދަރިވަރުންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.
މުޅި ކޯހުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރަކަށް، އަދި ހެވިކަމުގެ ރޮނގުން އެންމެ މޮޅު ދަރިވަރަކަށް ދޭ “ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް” ޙާޞިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދެވެ. މީގެ އިތުރުން، އަމާޒަށް ބަޑިޖެހުމުގެ ހުނަރުން “މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް” ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއަށް ލިބުނުއިރު، ހަށިހެޔޮކަމުގެ ރޮނގުން “ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް” ހޯދީ ޕްރައިވެޓް ރިފާ މުޙައްމަދެވެ. އަދި މަޒުމޫނު ލިޔުމުގެ ބައިން އެއްވަނަ ހޯދައިގެން “މޭޖަރ ޙުސައިން ޝާކިރު އެވޯޑް” ހާސިލުކޮށްފައި ވަނީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދެވެ.
ކޯހުގެ އެންމެ މޮޅު ޕްލެޓޫނުގެ ޝަރަފު ޝަހީދު ޢަލީރަސްގެފާނުު ކޮމްޕެނީގެ ‘ބްރާވޯ’ ޕްލެޓޫނަށް ލިބުނުއިރު، އެ ޕްލެޓޫނުގެ އެއްވަނަ ހޯދީ ޕްރައިވެޓް މަރިޔަމް ޝާނީއެވެ. ދެން ހުރި ޕްލެޓޫނުތަކަށް ބަލާއިރު، ‘ޓެންގޯ’އިން ޕްރައިވެޓް ރިފާ މުޙައްމަދު، ‘ޗާލީ’އިން ޕްރައިވެޓް އާނިމް މުޙައްމަދު، އަދި ‘ގޮލްފް’ ޕްލެޓޫނުން ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒް ވަނީ އެއްވަނަ ހޯދާފައެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ފަރާތުން މާރިޗު މަހުގެ 7ވަނަ ދުވަހު ފެށި މި ތަމްރީނުތައް ފުރިހަމަކޮށް، 95 ފިރިހެން ސިފައިންނާއި 22 އަންހެން ސިފައިންނާ އެކު ޖުމްލަ 117 ބައިވެރިން މިއަދު ވަނީ ސިފައިންގެ ހުވާކޮށްފައެވެ. ދަރިވަރުންނަށް ހުވާލައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި، މުދައްރިބުން އަދި ދަރިވަރުންގެ ޢާއިލާތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

