
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ، ސަރުކާރު ހިންގާ މައި ޕާޓީގެ ފުރިހަމަ އަޣުލަބިއްޔަތާ އެކު ނާކާމިޔާބުކޮށްލާނެކަމުގެ ޔަޤީންކަން ވެރިކަންކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ދެއްވައިފިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުންގެ ސޮޔާ އެކު ޤާނޫނުހަދާ މަޖިލީހަށް ވެއްދި މި މައްސަލައާ ގުޅިގެން ޝުޖާޢު މީސްމީޑިއާގައި ޢާންމުކުރެއްވި ޚިޔާލުފުޅެއްގައި ވަނީ، މިއީ ސަރުކާރުގެ ހަރުދަނާ ވިޔަފާރީގެ ސިޔާސަތުތަކަށް ހަޖަމުނުކުރެވިގެން ހިންގާ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ވަޒީރުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ނުވަތަ ސަބަބެއް އެމްޑީޕީން ސާފުކޮށްދީފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ @em_saeed ގެ އިތުބާރު ނެތް ކަމަށް MDP އަށް ޤަބޫލު ކުރެވެނީ MDP ގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓެއް އަވަށްޓެރި ޤައުމުތަކާއެކު ހެދި ރައީސް ޑރ @MMuizzu ގެ ވިޔަފާރީގެ ފަހި ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންނަށް އެއެގްރީމެންޓްތަކުގެ ދަށުން އެތައް… https://t.co/ub3RErVVcR
— Ibrahim Shujau (@IbrahimShujaau) August 1, 2026
ޝުޖާޢު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އަވަށްޓެރި ޤައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް (އެފްޓީއޭ) ގާއިމުކޮށް، އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ލިބެމުންދާތީ އެމްޑީޕީން އެކަމާ ކަންބޮޑުވަނީއެވެ. އަދި އެއީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ޕާޓީއަށް ނުކުރެވުނު ކަންތައްތަކެއްކަން ވެސް މެންބަރު ވިދާޅުވިއެވެ.

