
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ)އަށް މިއަދު އަމަލުކުރަން ފެށުމާ އެކު، ދިވެހި މަސްވެރިންނަށް ތުރުކީގެ ބޮޑު މާކެޓަށް ޑިއުޓީއަކާ ނުލައި މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތު ހުޅުވި، މުޅި ސިނާއަތަށް އޭގެ ހެޔޮ ބަދަލު އަންނާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދެ ގައުމުގެ ދެމެދުގައި ވަކި ބާވަތްތަކަކުން ކަސްޓަމްސް ޑިއުޓީ ކަނޑާލުމަށް ވެފައިވާ މި މުހިންމު އެއްބަސްވުމުގެ ދަށުން، 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގެ ބާޒާރަށް ދިވެހި ކަނޑުމަހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އިގުތިސާދީ ފުދުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ފައިދާތަކެއް ލިބިގެންދާނެ ތާރީހީ ބަދަލެކެވެ.
“މޯލްޑީވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް”ގެ ނަމުގައި މި ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ރަސްމީ ސިފައެއްގައި ސޮއިކޮށްފައި ވަނީ ނިމިދިޔަ 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި ކާމިޔާބީގެ ބިންގާ އެޅިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައެވެ. އެގޮތުން، 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26އިން 29އަށް އެމަނިކުފާނު ތުރުކީވިލާތަށް ކުރެއްވި ޒިޔާރަތުގައި، އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާ އެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކޮށް، ވިޔަފާރިއާއި އިގުތިސާދީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް ނިންމަވާފައެވެ.

