
މިދިޔަ ޖޫން މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު މެއި މަހަށްވުރެ އުފުލިފައިވާ ކަމަށް ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކާގޮތުގައި 2026ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ވަނީ 0.26% އިތުރުވެފައެވެ. އަދި ފާއިތުވި 2025ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، މި އަހަރުގެ ޖޫން މަހުގެ އިންފްލޭޝަން ރޭޓް ވަނީ 2.56% އަށް އުފުލިފައެވެ.
މިދިޔަ މަހު ތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލިފައި ވަނީ ކާބޯތަކެތީގެ ބައިންނެވެ. އެގޮތުން ކާބޯތަކެތީގެ ބައިން 1.90%ގެ ކުރިއެރުމެއް އައިސްފައިވާއިރު، މީގެ ތެރޭގައި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ 18.87% އުފުލިފައެވެ. އަދި ކިރާއި، ޑެއިރީ ޕްރޮޑަކްޓްސް އަދި ބިހުގެ އަގުތައް 1.72% މަތީގައި ހުރިއިރު، ކޮފީ އަދި ސައިފަތުގެ އަގުތައް ހުރީ 1.27% އުފުލިފައެވެ.
މިދިޔަ މަހު ބައެއް ޚިދުމަތްތަކާއި ތަކެތީގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އޭގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާއިމް -1.47%. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ އަގު 10.62% އަދި ޕެޓްރޯލްގެ އަގު 5.22% ދަށަށް ގޮސްފައިވެއެވެ. އަދި ކަރަންޓުގެ ޚިދުމަތުގެ އަގު -3.64% ވަނީ ދަށްވެފައެވެ. މީގެ އިތުރުން މޭވާގެ ބާވަތްތަކުގެ އަގުތައް ވެސް ވަނީ -2.44% ދަށްވެފައިވެއެވެ.
މާލެ އާއި އަތޮޅުތެރޭގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު، މާލޭގެ އިންފްލޭޝަން ރޭޓް 0.19% ގައި ހުރިއިރު، އަތޮޅުތެރޭގެ އިންފްލޭޝަން ވަނީ 0.35% އަށް އިތުރުވެފައެވެ. އަދި މިދިޔައަހަރުގެ ޖޫން އާއި މި އަހަރުގެ ޖޫންއާ އަޅާކިޔާނަމަ މާލޭގެ އިންފްލޭޝަން 1.93% ގައި ހުރިއިރު، އަތޮޅުތެރޭގެ އިންފްލޭޝަން ހުރީ 3.49% މަތީގައެވެ.

