
ދައުލަތުން ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި މުހިންމު އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
55 މެންބަރުންގެ ތާއީދާ އެކު ފާސްކުރި މި ބިލު، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހުގެ ތަޅުމުގައި މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 8 މެންބަރުންނެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ހޯދުމުގެ އުސޫލުތައް ހަރުދަނާކޮށް، ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޔަގީންކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަންފާއަށް ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ބިން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާ އެކު ކައުންސިލްގެ އިހުތިސާސުން އުނިކުރެވޭނެއެވެ. އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، އެފަދަ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ލިބިދޭނެކަމަށް އައު އިސްލާހުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، އެކަށީގެންވާ ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސްއެޅޭ ފަދަ އަމަލުތައް ހިންގުމާއި، މަސައްކަތް ހުއްޓޭ ފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް މަނާކުރާ މާއްދާ އެއްވެސް މި ބިލުގައި އެކުލެވިގެންވެއެވެ. ސަރުކާރުން ހިންގާ ތަރައްޤީގެ ކަންކަމަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަން މި އިސްލާހުގައި ވަނީ ސާފުކޮށްދީފައެވެ.

