
ސަރުކާރުގެ ފަރާތުން އަތޮޅުތެރޭގެ އިތުރު ތިން ރަށެއްގައި އެމްއާރްއައިގެ ޚިދުމަތް އަދި ހަތް ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް މި އަހަރުގެ ތެރޭގައި ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ މި ޚިދުމަތްތައް ފުޅާކުރުމަށް ރާވާފައިވާ ގޮތުގެ ތަފްސީލުތައް ޙިއްޞާކުރައްވާފައެވެ. މިގޮތުން، މިހާރު ވެސް ބައެއް ސަރަޙައްދީ ހޮސްޕިޓަލުތަކުގައި މި ފަރުވާތައް ދެމުންގެންދާއިރު، އައު މަރުކަޒުތަކުގައި މެޝިނަރީޒް ގާއިމުކޮށް ޚިދުމަތް ފެށުމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް މިހާރު ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަލަށް އެމްއާރްއައިގެ ފަސޭހަކަން ލިބިގެންދާނީ ގދ. ތިނަދޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގައެވެ. މާލެ ފިޔަވައި މިހާރު ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މި ޚިދުމަތް ލިބެން ހުރެއެވެ. މީގެ ތެރެއިން އުނގޫފާރުގައި އެމްއާރްއައި ހެދޭނެ އިންތިޒާމު ހަމަޖައްސައި ފަރުވާ ދޭން ފަށާފައި ވަނީ މި ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މީގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން އިތުރު 7 ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ޅ. ނައިފަރު، ބ. އޭދަފުށި، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ. މިވަގުތު އަތޮޅުތެރެއިން ސީޓީ ސްކޭން ކުރެވެން ހުންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެކަންޏެވެ.

