
ނިމިދިޔަ 2024ވަނަ އަހަރު ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް 403 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި އެކަމަނާ ވިދާޅުވީ، 2023ވަނަ އަހަރަށްވުރެ ބޮޑު އިންވެސްޓްމަންޓެއް 2024ވަނަ އަހަރު އަމިއްލަ ހޮސްޕިޓަލްތަކަށް ކޮށްފައިވާނެ ކަމަށެވެ.
ދައުލަތުން އަމިއްލަ ސިއްހީ މަރުކަޒުތަކަށް ކުރަމުންދާ ހޭދައިގެ ސަބަބުން، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކާމެދު އާންމުންގެ އިތުބާރު ބޮޑުވެ، ބޭރު ގައުމުތަކަށް ދާ މީހުންގެ ނިސްބަތް ދަށްވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަމާޒަކީ، ދިވެހިން އާންމުކޮށް ބޭރަށް ގޮސް ފަރުވާ ހޯދާ ބޮޑެތި ބަލިތަކަށް، އަލަށް ގާއިމުކުރެވޭ ހޮސްޕިޓަލްތަކުން ލުއިފަސޭހަކަމާ އެކު ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދޭނެ ފެންވަރަށް ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާއިރު، މީގެ ތެރޭގައި ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ބިނާކުރުމާއި، ޑަޔަލިސިސްގެ ހިދުމަތް ފުޅާކުރުމުގެ އިތުރުން މާލެއާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުން ހިމެނެއެވެ.
ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް އާސަންދަ ސްކީމްގެ ދަށުން މިހާރު ވެސް ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފޮނުވާއިރު، އެ ކުންފުނިން ވަނީ ބޭރުގެ 63 ހޮސްޕިޓަލަކާ އެކު ފަރުވާދިނުމުގެ އެއްބަސްވުންތައް ގާއިމުކޮށްފައެވެ. މިގޮތުން ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގެ އިތުރުން، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެއެވެ.

