
ދިވެހި ރާއްޖެއިން ތުރުކީވިލާތާ އެކު ހަދާފައިވާ ޕްރިފަރަންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.
ރާއްޖެއާ ތުރުކީވިލާތާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 4 ނޮވެމްބަރު 2024ގައެވެ. އިކޮނޮމިކް މިނިސްޓްރީއިން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މި އެއްބަސްވުމުގެ 25ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެ އާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމުގެ ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތަށް ލިބި ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވިގެންދާނެއެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަވެ އަދި ވިޔަފާރިތައް ވެސް އިތުރުކުރެވި ރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ދިވެހިންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އެ އެއްބަސްވުމުގައިވެއެވެ.

