
ދިވެހިރާއްޖެއަށް މިޞްރު ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ހިޒް އެކްސެލެންސީ ޢާދިލް އިބްރާހީމްގެ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ދަރިވަރުންނަށް މިޞްރުން ފޯރުކޮށްދެމުންދާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިޞްރުގެ ތަޖުރިބާކާރުން އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ނުހަނު އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާފައެވެ. އަދި ނިމިގެން މިދާ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރެއްވުމަށް ސަފީރު ކޮށްދެއްވި ގިނަގުނަ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ.
މީގެ އިތުރުން، ކުރިމަގުގައި ވެސް އެކި ރޮނގުރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތްކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަޤާފަތުގެ އިތުރުން ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރާއްޖެއާއި މިޞްރާ ދެމެދު ޤާއިމުވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިކަމާ އެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން، މި ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާކުރައްވަމުންނެވެ.

