
އަސާސީ ބޭސްތައް، ބޭސް ފިހާރަތަކުން ލިބޭނެގޮތް ހަދަން ހަ މަހުގެ މުއްދަތު ދީފި ވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން ނެރުނު އިއުލާނެއްގައި ބުނީ އަސާސީ ބޭސްތައް މެދުނުކެނޑި ލިބެން ހުންނަކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.
އެހެންވެ ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ ބޭސްތައް މިހާރު މުރާޖާކޮށްފައިވާ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.
އެގޮތުން އަސާސީ ބޭސްތަކުގެ ލިސްޓު ދެ ގްރޭޑަކަށް ގިންތިކޮށްފައިވާ ކަމަށާއި ކޮންމެ ފާމަސީއަކަށް ވެސް ގިންތިކޮށްފައިވާގޮތަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން 80 ޕަސެންޓް ލިބެން ހުންނަންވާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
“މި ބަދަލާ އެކު މިހާރު ހިންގަމުންދާ ފާމަސީތައް ގިންތި ކުރެވިފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން ހަ މަސް ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖައްސަން ވާނެ އެވެ.” އެމްއެފްޑީއޭގެ އިއުލާންގައި ބުނެފައިވެއެވެ.
އަލަށް ހުޅުވާ ފާމަސީތައް ވެސް ރަޖިސްޓްރީ ކުރުމަށް ފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަކުރުމުންކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

