
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހަވާލުވެގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ގިނަ މަސައްކަތްތަކެއް، އަމާޒުކުރި ތާރީޚަށްވުރެ ކުރިން އެ ކުންފުނިން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ވަނީ މަގުގައި ކުރަހަންޖެހޭ ނިޝާންތައް ހެދުމުގެ އިތުރުން، މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ބައިގެ ދުވާރާއި އުޅަނދުތައް ޕާކުކުރާނެ ޒޯންތައް ހަދައި އެއްކޮށް ފުރިހަމަކޮށްފައެވެ. އަދި ބާކީ ހުރި ކުދިކުދި ފިނިޝިންގ މަސައްކަތްތައް މިއަދުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި ޕާކިންގ ސަރަޙައްދުތަކުގެ ލައިންތައް ކުރެހުން މިހާރު ވެސް ހިނގަމުންދާއިރު، މި ހަފުތާ ނިމުމުގެ ކުރިން އެކަންކަން ވެސް އެއްކޮށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ. ތަފާތު އެކި ސަބަބުތަކާ ގުޅިގެން މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާވަލަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމުގައިވިޔަސް، އަންނަ ޖުލައި މަހުގެ 26ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމައި އާއްމުންނަށް ބޭނުންކުރެވޭވަރު ވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަގު އަލުން ފަރުމާކޮށްފައި ވަނީ ކުރިއަށްވުރެ ފުޅާކޮށް، ދުއްވާ އުޅަނދުފަހަރާއި ހިނގާ މީހުންނަށް ފަސޭހަވާނެ ފަދަ ޒަމާނީ ގޮތަކަށެވެ. އަދި މި ބައިގެ މަސައްކަތްތައް ނިމުމުން، އެ ސަރަޙައްދުގައި ހިންގާ ބޭންކުތަކާއި އޮފީސްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕާކުކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެއެވެ. މި ސަރަޙައްދު ވެސް ތަރައްޤީކުރަމުން އަންނަނީ ކުރިން ނިންމާފައިވާ ބައިތަކާ އެއްގޮތް ޑިޒައިނަކަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ ހުސްވި އަހަރުގެ އޮގަސްޓު މަހުގެ 22ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ކާރުބާރު ބޮޑު ލޯކަލް މާރުކޭޓު ހިމެނޭ ސަރަޙައްދު ހަދައި ނިންމާފައެވެ. މި ބައިތައް ހުޅުވާލުމާ އެކު މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިފައެވެ. ޖުމްލަ 830 މީޓަރުގެ ދިގުމިން ހިމެނޭ މި މަގުގެ 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ކުރުމުގެ ބޮޑު މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

