
ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވާކަމަށް ބުނެ ޙޫޘީ ހަނގުރާމަވެރިން ސަޢުދީ ޢަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސަޢުދީ ސަރުކާރުގެ ދިފާޢުގައި ރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން އާންމުކުރި މި ލިޔުމުގައި، ޙޫޘީންގެ ވާހަކަތައް ދޮގުކޮށް ސަޢުދީ ސަރުކާރުން ނެރެފައިވާ ބަޔާނަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔާފައިވެއެވެ. ޙޫޘީންގެ ފަރާތުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު، އަދި ޔަމަނުގެ ރައްޔިތުން ނިކަމެތިކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ވާހަކަތަކެއްކަމަށް ސަޢުދީން ބުނެފައިވާ ބުނުމަށް ދިވެހި ދައުލަތުން ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަނުގެ ޢާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަޢުދީ ޢަރަބިއްޔާއިން އަދާކުރަމުންދާ އިސް ދައުރު ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އދ. ގެ އެކި ޖަމާޢަތްތަކާއި ޔަމަނުގެ ޤާނޫނީ ސަރުކާރު ގުޅިގެން، ރައްޔިތުންގެ ތަކުލީފުތައް ލުއިކޮށްދިނުމަށް ސަޢުދީން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ވަނީ ތަޢުރީފުކޮށްފައެވެ.
މި ބަޔާން ނިންމާލަމުން ދިވެހި ޚާރިޖިއްޔާއިން ވަނީ، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި ޔަމަނަށް ޞުލްޙަޔާއި އަމާންކަން ގެނައުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ވެސް ވަނީ ދީފައެވެ.

