
މާލޭގެ ނުވަ ކެފޭއެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ބިދޭސީން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިމިގްރޭޝަންގެ ޓާސްކް ފޯސް އިން ވަނީ މިއަދު ހެނދުނު ހިންގި ރެއިޑު އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ނަމަވެސް ހައްޔަރުކުރި މީހުންނާ ގުޅޭ ތަފްސީލެއް ނުދެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ތިލަފުށީގައި ވެސް މި މަހުގެ 12ވަނަ ދުވަހު ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގަަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

