
ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގައި ތިއްބެވި ތިން މެންބަރުންގެ، މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.
އެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ފޯމު މިއަދުން ފެށިގެން މި މަހުގެ 29އާ ހަމައަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ހަ މެމްބަރުންނެވެ. ރައީސްގެ ގޮތުގައި ހުންނަވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ. އަދި އެލްޖީއޭގެ ސީއީއޯއަކީ އަހުމަދު ނިމާލުއެވެ.

