
އަތޮޅުތެރޭގައި ބޭސް ރައްކާކުރާނެ ފެންވަރު ރަނގަޅު ގުދަންތަކެއް ޤާއިމުކުރުމުގެ ޕްލޭންތައް ސްޓޭޓް ފާމަސޫޓިކަލްސްއިން އެކުލަވާލަން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ހާމަކުރެއްވި ގޮތުގައި، މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ މައި ބޭސް ގުދަނާއި އެހެނިހެން ގުދަންތައް މިހާރު ވަނީ ސްޓޭޓް ފާމާއާ ޙަވާލުކުރެވިފައެވެ. އަދި ލޮޖިސްޓިކްސްގެ ދަތިތައް ޙައްލުކުރުމަށްޓަކައި ހަމައެކަނި މާލޭގެ މައި ގުދަނަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ބިނާކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ބޭސް ސަޕްލައިކުރުމުގެ ޒިންމާއާ އެ ކުންފުނިން އަލަށް ޙަވާލުވުމާ ގުޅިގެން މައިގަނޑު މަސައްކަތްތައް އަދި އޮތީ ރޭވުންތެރިކަމުގެ މަރުޙަލާގައިކަން ފާހަގަކުރައްވަމުން، މިވަގުތު އަތޮޅުތަކަށް ބޭސް ފޮނުވަނީ މައި ގުދަނުންކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުންނާ ހަމައަށް ފޯރާ ބޭހަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ބޭސް އުފައްދާ އައު ކުންފުނިތައް ރަޖިސްޓަރީކޮށް، ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ބޭސް އެތެރެކުރެވޭ މިންވަރާއި، ސްޓޮކްގައި ހުރި ޢަދަދުތައް ވަގުތުން ވަގުތަށް ބެލެހެއްޓޭނެ ޒަމާނީ ސޮފްޓްވެއަރ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސްޓޭޓް ފާމާއިން އަންނަނީ ކުރަމުންނެވެ. މިގޮތުން، މި ނިޒާމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފިޔަވަހި ފުރިހަމަކުރެވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. މި ނިޒާމު ފުރިހަމަވުމުން، ރާއްޖޭގައި ބޭސް ހުރި ތަންތަން ފަސޭހައިން ދެނެގަނެވި، ޢާންމުންނަށް ޚިދުމަތް ދިނުން އިތުރަށް ހަލުވިވެގެންދާނެއެވެ.

