
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ފަރާތުން ރަތްދޫލައިގެ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ސިޑްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (އެސްއޭއައި) ސިމްޕޯސިއަމް ނިންމުމާއި އައިޑީއައި ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ. ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ދައުލަތުގެ އިސް ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.
ބައިނަލްއަޤްވާމީ މި މުހިންމު ދެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރަށް، އުކުޅަހުގައި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އެ މަސައްކަތްތައް ރައީސް މުޢިއްޒު ބައްލަވާލައްވާނެއެވެ. އަދި ހަމައެހެންމެ، އެރަށުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ވެސް އެމަނިކުފާނު ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ.

