
އިއާދަކުރުވަނިވި ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ (އައިރީނާ)ގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާނެ ދާއިމީ މަންދޫބުގެ މަގާމަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން މިއަދު ރުހުން ދީފިއެވެ.
އެ މަނިކުފާނަށް މި މަގާމު ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ފާއިތުވި ޖުލައި މަހުގެ 28ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު ތަޅުމަށް ހުށަހެޅުމުން، މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 57 މެންބަރުންގެ އިއްތިފާގުން ވަނީ ޠާރިޤަށް ރުހުން އޮތްކަމަށް ފާސްކޮށްފައެވެ.
ދައުލަތުގެ އެކިއެކި އިސް މަގާމުތައް ފުރުއްވާފައިވާ ޠާރިޤަކީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރުކަން ތިން ސަރުކާރެއްގައި ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ އިތުރުން، ހިނގަމުންމިދާ ސަރުކާރުގެ ފުރަތަމަ ތިމާވެއްޓާ ބެހޭ ވަޒީރުކަން ވެސް ކުރެއްވީ އެ މަނިކުފާނެވެ.
ދުނިޔޭގެ ފެންވަރުގައި ހަކަތައިގެ ނިޒާމުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް މަސައްކަތްކުރާ އިރީނާ ވުޖޫދަށް އައީ 2009ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26ވަނަ ދުވަހުއެވެ. އިގުތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް ބާރުއަޅާ މި ބައިނަލްއަޤްވާމީ އިދާރާގައި ދިވެހިރާއްޖެ ހިމެނޭހެން ޖުމްލަ 171 ގައުމަކުން މެންބަރުކަން ކުރެއެވެ.

