
2008ގައި އޮތް އެމްޑީޕީގެ ވެރިކަމުގައި ފަޅުރަށްތައް އޮތީ ހިތުހުރި ގޮތަށް ބަހާލާފައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
ސުޖާއު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ބަހުސް ގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ފަޅުރަށްތަކާއި ފަޅުތައް ދޫކުރުމުގައި ވަރަށް ނޭއްގާނީ މާޒީއެއް އޮތް ކަމަށާއި، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ އިގްތިސޯދު ސިންދިފާތު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވާތީ މި ބިލު ވުޖޫދުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
“ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ރާއްޖޭގެ މުއްސަނދިކަން ނުވަތަ ފަޅުތަކާއި ފަޅުރަށްތަކާއި ހިތުހުރި ގޮތަކަށް ބަހާލުމުގެ ސަގާފަތް ފެށިގެންދިޔައީ 2008ވަނަ އަހަރު އުފެދިގެން އައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި. އެބަހުރި ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ގުޅާލުމުގެ ނިޔަތުގައި އެތަށް ބަޔަކަށް ފަޅުރަށް ބަހާފައި. ފަޅުރަށް ނަގާފައި ފަޅުރަށް މިދެނީ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުވައި އެއާ ގުޅުވާފައި ކްރޮސް ސަބްސްސިޑީގެ ދަށުން . ފަޅު ރަށް ހެދޭ ފެރީ ނިޒާމެއް ނުހިނގާ.” ސުޖާއު ވިދާޅުވިއެވެ.
ދަތުރުފަތުރުގެ ނިޒާމާއި، ނަރުދަމާ އާއި ކަރަންޓު ގާއިމުކުރުމަށް ކްރޮސް ސަބްސިޑީގެ ދަށުން އެތައް ފަޅުރަށެއް ދިން ނަމަވެސް، އެ މަޝްރޫއުތައް ނުހިނގައި، އޭގެ ނަފާ ލިބުނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކަމަށާއި ރައްޔިތުން އަދިވެސް އުޅެނީ އެ ޚިދުމަތްތައް ނުލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

