
ގެސްޓުހައުސް ވިޔަފާރިތަކަށް ޚާއްސަ ސްކޭމްއަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފިއެވެ
އެގޮތުން އިއްޔެ އެ ހަރަކާތް ފެށީ ބ. މާޅޮހުންނެވެ.
މާޅޮހު ފުލުހުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އެ ރަށުގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް ވެރިފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި، ގެސްޓުހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ، ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްކުރާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ފުލުހުން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ބޭރު ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދިނުމާ އެކު ސްކޭމްގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދުދިންކަމަށް ވެސް ފުލުހުން ބުންޏެވެ.

