
ރާއްޖޭގެ މުސްތަޤުބަލު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ އެންމެ ބޮޑު ބާރެއް ލިބިގެން ވަނީ މިހާރު ތަޢުލީމު ހާސިލުކުރަމުންދާ ކުދިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ދަރިވަރުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާއި ޒުވާނުންގެ އަޑުއަހައިގެން ދައުލަތް ހިންގުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން ފާހަގަކުރައްވަމުން، ދަރިވަރުންގެ ޚިޔާލުތަކަކީ ނުހަނު ބޭނުންތެރި އަގުހުރި އެއްޗެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ބައްދަލުވުމުގައި ކުދިން ފާޅުކުރި ޝުޢޫރުތަކަށް ފުރިހަމަ ސަމާލުކަމެއް ދެއްވައި، އެކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ‘ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް’ އަށް ލިބެމުންދާ ބޮޑު ތަރުޙީބަށް ވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އަހަރަކު އެއްހާސް ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމަށް ހުޅުވާލާ ކޮންމެ ފަހަރަކު، ކަނޑައެޅިފައިވާ ޖާގައަށްވުރެ ދެގުނަ އިތުރަށް ޒުވާނުން ކުރިމަތިލަމުންދާކަން އެމަނިކުފާނު އުފަލާ އެކު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އުތީމު ސްކޫލުގެ ދަރިވަރުން ވަނީ އެކުދިންނަށް ދިމާވެފައިވާ ބައެއް ދަތިތައް ރައީސްއާ ޙިއްޞާކޮށްފައެވެ. އޭގެ ތެރޭގައި އިންޑޯ ކުޅިވަރުތައް ކުޅޭނެ މަލްޓިޕަރޕަސް ހޯލެއް ނެތުމާއި، ކުޅިވަރު ކުޅޭނެ ޓަރފް ދަނޑެއް ނެތުމުގެ ކަންބޮޑުވުން ހިމެނެއެވެ. ޓަރފް އެޅުމަށް ކައުންސިލުން ބިމެއް ހަމަޖައްސާފައިވާއިރު، މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް، އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ‘ކޫލް ސްކޫލް’ ޕްރޮޖެކްޓުގެ ދަށުން ކްލާސްރޫމްތައް އޭސީ ކުރެވިގެން ދިޔުމަކީ ކިޔެވުމަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއްކަން ފާހަގަކޮށް ކުދިން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
ދަރިވަރުންގެ ގިނަ ސުވާލުތަކަކަށް ޖަވާބުދެއްވައި، އެކުދިންގެ އުދާސްތައް އަޑުއެއްސެވުމަށް ފަހު، ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުގެ ތެރެއިން އެކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު ކިޔަވާ ކުދިންނަށް ދެއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދަރިވަރުންނާ މިފަދައިން ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

