
ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިވި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު 08:30ކަންހާއިރު ރޯވެ އަލިފާންގަނޑު ކޮންްްޓްރޯލްވީ 12ޖަހާކަންހާއިރުއެވެ. އެ ހާދިސާގައި 20މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެެވެ. އަދި ފަސް ގޭބިސީއަކަށް އަސަރުކޮށް 33މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރިއެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް އެކްސްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގެ ޚަބަރު އަޅުގަނޑު އަޑުއެހީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުން މި ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޒްރަތުގައި އެމަނިކުފާނު ދުއާ ދެންނެވިއެވެ.
“މި ކުރިމަތިމި ކުއްލި އަދި އުނދަގޫ ހާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ރާއްޖޭގެ ގައުމީ ދިފާއީ ބާރަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭޑަބްލިޔު މެރިއޮޓްގެ ފަޔާ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ރާއްޖޭގެ ގައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް، ތިޔަދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކޮށް، ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން”ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު އާއްމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

