
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2023ގައި ލިބެން ޖެހޭ 461 މިލިއަން ރުފިޔާ ނުލިބި ހުރިކަން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި ކަސްޓަމްސްގެ އޮޑިޓުން އެނގޭ ގޮތުގައި އިމްޕޯޓް ޑިއުޓީ އަދި ޖޫރިމަނާގެ ބޮޑުބައެއް ނުލިބި އެބަހުއްޓެވެ. ނުލިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީއެވެ. އެގޮތުން 234 މިލިއަނަށްވުރެ ގިނަ ރުފިޔާ (51%)އަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 162.9 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި އެހެނިހެން ފީގެ ގޮތުގައި 44.1 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
ކަސްޓަމްސްއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ވަނީ ނުލިބި ދިގުލައިގެން ގޮސްފައެވެ. އެގޮތުން ނުލިބި ހުރި ފައިސާގެ ތެރެއިން 40.7% (187 މިލިއަން ރުފިޔާ)އަކީ ނުލިބި 3 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ފައިސާއެވެ. އެގޮތުން 2022ވަނަ އަހަރު ނުލިބި ހުރި ފައިސާގެ އަދަދު 477.9 މިލިއަން ރުފިޔާގައި ހުރި ނަމަވެސް، 2023ވަނަ އަހަރު މި އަދަދު ވަނީ 461 މިލިއަން ރުފިޔާއަށް (4%)އަށް ދަށްވެފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ކަސްޓަމްސްއަށް ލަފާދެއްވާފައެވެ. އަދި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުމަށް ވެސް ވަނީ ލަފާދެއްވާފައެވެ. ހަމައެހެންމެ، ޑިއުޓީ ރިކަވަރ ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށްޓަކައި ޤާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވެސް ރިޕޯޓުގައި އަންގާފައިވެއެވެ.
ކަސްޓަމްސްގެ 2023ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ އިދާރާއިން ވަނީ 4.16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައެވެ. އަދި އެ އަހަރު ކަސްޓަމްސްގެ މަސައްކަތްތަކަށް ފާސްކުރެވުނު 261.6 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 256.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

