
ލާމު ކައްދޫގައި ލައިސަންސް ނެތި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަންހެނަކު މަރުވި މައްސަލައިގައި، ކުށްވެރިވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށާއި، ޖަލު އަދަބެއް ތަންފީޒު ކުރުމުގެ އިތުރުން 60 ދުވަހު ރޯދަ ހިފުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައި ވަނީ ލ. ފޮނަދޫ، ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15ވަނަ ދުވަހުގެ ރޭ 19:18 ހާއިރު، ލާމު ލިންކް ރޯޑްގައެވެ. ލައިސަންސް ނެތި ނައުސާން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހިފައި ވަނީ ކައްދޫ އެއާބޭސް ކައިރިން ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައެވެ.
މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް، އެ ރޭ 22:12 ހާއިރު މަރުވެފައި ވަނީ ލ. މާވަށް، އެތުމާ، މަރްޔަމް މޫސާއެވެ. މީގެ އިތުރުން މަގު ހުރަސްކުރި އއ. ހިމަންދޫ، ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވެސް މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
މަރްޔަމް މޫސާ މަރުވި މައްސަލައިގައި އުފުލި ދައުވާއަށް ނައުސާން އިއުތިރާފުވުމާ ގުޅިގެން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.
މަރުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް އަމުރުކުރުމުގެ އިތުރުން، ވާރިސުން މަރުގެ ދިޔަ ބޭނުންވާތީ 1,000,000 (އެއް މިލިއަން) ރުފިޔާ، 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޢަބްދުއްސަލާމް ޙުސައިންއަށް އަނިޔާވި މައްސަލައިގައި ވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ނައުސާންގެ މައްޗަށް ވަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި މައްސަލަތައް ބައްލަވައި ހުކުމް އިއްވެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފެވެ.

