
ދިވެހިރާއްޖޭގެ ދިގު ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާހިލާފު އެންމެ ނުފޫޒުގަދަ އަދި ދައުލަތް ހިންގުމުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކެވި އެއް ޝަޚުޞިއްޔަތަކީ އައްސުލްޠާން ޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އާންމު ނަމުންނަމަ ބޮޑު ތަކުރުފާނެވެ. މީލާދީން 1558ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެ ހިފައި އޭރު ހުންނެވި ޢަލި ރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު 15 އަހަރާއި 6 މަސް ދުވަސް ވަންދެން ހިންގި އަނިޔާވެރި އިސްތިޢުމާރީ ވެރިކަމުން ދިވެހި ޤައުމު ސަލާމަތްކުރެއްވީ އެ މަނިކުފާނުގެ ޙިކުމަތްތެރި އަދި ދުރުވިސްނޭ ލީޑާޝިޕްގެ ދަށުންނެވެ. ތާރީހީ ގޮތުން ބަލާއިރު ބޮޑުތަކުރުފާނުގެ ލީޑާޝިޕް ހަމައެކަނި ގުޅިފައި ވަނީ ހަނގުރާމައިގެ މައިދާނުގައި ހޯއްދެވި ކާމިޔާބީއަކާ ނޫނެވެ. އޭގެ ބަދަލުގައި، އެމަނިކުފާނަކީ ވިއްސިވިހާލިވެފައިވާ ދިވެހި ދައުލަތުގެ ބިންގާ އަލުން އަޅުއްވައި އަސްކަރީ، އިދާރީ، އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ޤައުމު ބިނާކުރެއްވި މުއައްސިސެކެވެ.
އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނާއި، ހއ. އިހަވަންދޫ އާމިނާ ދިޔޯ (އައިމިނާ ދިޔެ) އަށް 16 ޖެނުއަރީ 1535ގައި އުފަންވެވަޑައިގަތް މުޙައްމަދު ތަކުރުފާނު ބޮޑުފުޅުވީ ރަށްފުށުގެ ދީނީ އަދި އިދާރީ ޒިންމާތަކުގެ ތެރޭގައެވެ. ކުޑައިރުއްސުރެ ވިސްނުންތޫނުކަމާއި އަމާޒަށް ވާސިލުވުމުގެ ހުނަރު (އުތީމު ތުނޑީގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕެވުން ފަދަ ކަންކަމުން) ފެނިގެންދިޔަ މި ޝަޚުޞިއްޔަތަކީ ފަހުން މުޅި އިންޑިއާ ކަނޑުގައި ބާރުގަދަ ކުރަމުންދިޔަ ޕޯޗުގީޒު އެމްޕަޔަރާ ދެކޮޅަށް ކާމިޔާބު ޖިހާދެއް ކުރެއްވި މޭސްތިރިޔާއެވެ. ބޮޑުތަކުރުފާނަށް ތަޢުލީމާއި ހެވިކަން ނުވަތަ މިހާރުގެ ގޮތުން ބުނާނަމަ “މާޝަލް އާޓްސް”ގެ ހުނަރުތައް ދަސްކޮށްދެއްވީ އެމަނިކުފާނުގެ ބައްޕާފުޅުގެ އިތުރުން ބެދާލި ބޮޑު އެދުރު ކަލޭގެއާއި ބޮޑުބޭބޭފުޅު ކަމަށްވާ ނޮޅިވަރަންފަރު އެދުރުކަލޭފާނެވެ.
ޕޯޗުގީޒުންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކުރިއަރާފައިވާ ކަނޑުގެ ލަޝްކަރާއި ބަޑީގެ ހަތިޔާރުގެ ބާރުވެރިކަން އޮތް ގައުމެވެ. އިންޑިއާ ކަނޑުގެ ވިޔަފާރީގެ މަގުތައް (ހާއްސަކޮށް ބޮއްޔާއި، ރޯނާއި، ހަވާދުގެ ބާވަތްތައް) ކޮންޓްރޯލް ކުރުމަށްޓަކައި ޕޯޗުގީޒުން ދިޔައީ ސްޓްރެޓެޖިކް ގޮތުން މުހިންމު ސަރަޙައްދުތައް ހިފަމުންނެވެ. އަދި 1558 ވަނަ އަހަރު، ޕޯޗުގީޒުންގެ ކެޕްޓަން އަންދިރިއަންދިރިން (އެންޑްރިއަސް އެންޑްރޭ) ގެ ލަޝްކަރަކުން މާލެއަށް ޙަމަލާދީ ސުލްޠާން ޢަލީ ރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު ރާއްޖެ އަޅުވެތިކުރިއެވެ. ޕޯޗުގީޒުން މިކަން ކުރީ، އިސްލާމްދީން ދޫކޮށް ނަޞާރާދީނަށް ވަދެ، ގޯވާއަށް ފިލައިގެން ދިޔަ ދިވެހި ރަސްކަލެއް ކަމަށްވާ ޑޮމް މެނުއެލް (ސުލްޠާން ޙަސަން 9 ވަނަ)ގެ ނަމުގައެވެ. މި 15 އަހަރުގެ ދުވަސްވަރަކީ ރާއްޖޭގެ ތާރީޚު ދުށް އެންމެ އަނދިރި ދުވަސްވަރެވެ. ތާރީޚީ ލިޔުންތަކުގައި ސިފަކޮށްފައިވާ ގޮތުން އެއީ “ކާފަރުންގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިވެހިންގެ ލެއިން ކަނޑުތައް ރަތްވެ، ރައްޔިތުން މާޔޫސްކަމުގެ ތެރެއަށް ޣަރަޤުވެގެންދިޔަ” ޒަމާނެކެވެ. 
ގެރިއްލާ ހަނގުރާމައާއި ތިލަކޮށް ކަޅުއޮށްފުންމި ބެންނެވުން
ޕޯޗުގީޒުންގެ ބާރުގަދަ މަނަވަރުތަކާއި ބަޑީގެ ލަޝްކަރާ ސީދާ ކުރިމަތިލުމަކީ ބުއްދިވެރިކަމެއް ނޫންކަން މުޙައްމަދު ތަކުރުފާނު ދެނެވަޑައިގަތެވެ. އޭގެ ބަދަލުގައި އެމަނިކުފާނު އިޚުތިޔާރުކުރެއްވީ “އެސިމެޓްރިކް” ނުވަތަ ގެރިލާ ހަނގުރާމައިގެ އުކުޅުތަކެވެ. މި އުކުޅުތަކުގެ ސަބަބުން އަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން މާ ބޮޑަށް ކުރިއަރާފައިވާ ދުޝްމަނުންގެ މައްޗަށް ކުރިހޯއްދެވުނެވެ.
ބޮޑުތަކުރުފާނުގެ އަސްކަރީ ލީޑާޝިޕްގެ އެންމެ ފުރަތަމަ މަރުހަލާއަކީ ޖިހާދަށް ބޭނުންވާ ވަސީލަތްތައް ހޯއްދެވުމެވެ. ޕޯޗުގީޒުންގެ ފަރާތުން ބާރަށުގައި ހުރި ކޮމާންޑަރު ވިޔަޒޯރުގެ އިތުބާރު ހޯއްދަވައި އޭނާގެ އަތުން މަކަރުން މުދަލާއި ވަސީލަތްތައް ހޯއްދަވައިގެން، ބާރު ސްޕީޑުގައި ދަތުރުކުރެވޭ ރާއްޖޭގެ ތިލަ ފަރުތަކާއި ކަނޑުއޮޅިތަކަށް ފަރިތަ އުޅަނދެއް ކަމަށްވާ “ކަޅުއޮށްފުންމި” ބެންނެވިއެވެ. މިއީ ދުޝްމަނުންގެ ވަސީލަތްތައް ބޭނުންކޮށްގެން ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ މޮޅު ސްޓްރެޓެޖީއެކެވެ. މީގެ އިތުރުން، އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި އޮންނަ މަލިކަށް ވަޑައިގެން، އެތަނުން އަސްކަރީ މަރުކަޒެއް ޤާއިމުކުރެއްވިއެވެ.
މަލިކުގައި ތިއްބަވައިގެން، ޙާޖީ ދެބެން ކަމަށްވާ ޙަސަން ޙާޖީއާއި ޢަލީ ޙާޖީގެ އިތުރުން ދުވާފަރު ދަންޑަހެލު ފަދަ ހިތްވަރުގަދަ ފަހުލަވާނުން މި ޖިހާދުގައި ބައިވެރިކުރެއްވިއެވެ. މިކަމުން ދައްކައިދެނީ އެކި ސަރަޙައްދުތަކުން ހުނަރުވެރި މީހުން ހޯއްދަވައިގެން ޓީމެއް ބިނާކުރުމަށް ތަކުރުފާނު ގެންގުޅުއްވި ލީޑާޝިޕް ހުނަރެވެ.
މުޙައްމަދު ތަކުރުފާނުގެ ހަނގުރާމައިގެ ސްޓްރެޓެޖީ ބިނާވެފައިވަނީ ރޭގަނޑުގެ އަނދިރިކަމާއި ކުއްލި ޙަމަލާތަކުގެ މައްޗަށެވެ. އެތަކުރުފާނާއި އެކުވެރިން ރޭގަނޑު ރަށްރަށަށް އަރައި ޕޯޗުގީޒު ސިފައިން މަރައި، ދިވެހިންގެ ހިތްތަކުގައި އިސްލާމީ ރޫޙު އާލާކުރުމަށް ފަހު ފަތިސްވުމުގެ ކުރިން ކަނޑުމައްޗަށް ނުކުމެވަޑައިގަންނަވައެވެ. ކޮންމެ ރެއަކު ވެސް ނިދިކުރައްވަނީ ތަފާތު ރަށެއްގައެވެ.
މި ޓެކްޓިކްގެ ސަބަބުން ޕޯޗުގީޒުންގެ ހިތްތަކަށް ބޮޑު ބިރުވެރިކަމެއް ވަދެ އެ މީހުންގެ ސަޕްލައި ޗެއިންތަކަށް ބުރޫއެރިއެވެ. މިއީ 8 އަހަރު ދުވަހަށް ދެމިގެންދިޔަ ދިގުލައިދިޔަ ހަނގުރާމައެކެވެ. މި މުއްދަތުގައި އުތީމު އަލީ ތަކުރުފާނު ތަކަންދޫގައި ޝަހީދުވުމުން ވެސް ފަހަތަށް ޖެހިވަޑައިނުގެން ސާބިތުކަމާ އެކު ކުރިއަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި ޢަޒުމް ވަރުގަދަކަން ދައްކައިދޭ ކަމެކެވެ. މިފަދަ ހަނގުރާމައެއް ކާމިޔާބުކުރެވެނީ އާންމު ރައްޔިތުންގެ ލޮޖިސްޓިކަލް އަދި މޯރަލް ސަޕޯޓު ލިބިގެންނެވެ. ށ. މަރޮށީ ރާވެރިބޭ ފަދަ ނިކަމެތި ރައްޔިތުންގެ ފަރާތުން ކަޅުއޮށްފުންމީގެ ރިޔާ ފެހުމަށާއި ބޯފެން ފޯރުކޮށްދިނުމަށް ލިބުނު އެހީތެރިކަމަކީ ތަކުރުފާނު ރައްޔިތުންނާ ގުޅިފައިވާ މިންވަރު ސާބިތުކޮށްދޭ ކަމެކެވެ. މަރޮށީގައި ހުރި ކާނި ގަހަކީ މި ހަނގުރާމައިގެ ލޮޖިސްޓިކް ސަޕޯޓުގެ ދިރިހުރި ރަމްޒެކެވެ، އެއީ ކަޅުއޮށްފުންމީގެ ރިޔާ ހަރުކުރަން ބޭނުންކުރި ކާނި މުޑިއަކުން ފަޅައިގެން ހެދުނު ގަހެއް ކަމަށް ތާރީހު ހެކިދެއެވެ.
ޕޯޗުގީޒުން ރާއްޖޭގެ ހުރިހާ ރައްޔިތުން ގަދަކަމުން ނަސާރާދީނަށް ވެއްދުމަށް ނިންމާފައިވާ ދުވަހުގެ ކުރީރޭ، އެބަހީ 1 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573)ގައި މުޙައްމަދު ތަކުރުފާނު މާލެ އަށް އަރައިވަޑައިގެން، ކުއްލި ޙަމަލާއެއް ދެއްވިއެވެ. އަންދިރިއަންދިރިންގެ ކަރަށް ބަޑިޖައްސަވައި، އެއް ވަޒަނުން އޭނާ މަރާލައި، ޕޯޗުގީޒު ލަޝްކަރު ބަލިކުރެއްވިއެވެ. މިއާއެކު 15 އަހަރުގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް އައިސް، ރާއްޖެއަށް މިނިވަންކަން ލިބުނެވެ. މި ދުވަހަކީ މިއަދު ރާއްޖޭގައި ފާހަގަކުރާ ގައުމީ ދުވަހެވެ.
ބޮޑުތަކުރުފާނު 1573 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު، މުޙައްމަދު ތަކުރުފާނު ފެއްޓެވީ މުޅިން އައު ދަރިކޮޅެއް ކަމަށްވާ “އުތީމު ދަރިކޮޅު”އެވެ. ކުރިން އޮތް ހިލާލީ ދަރިކޮޅުގެ ވެރިކަމުގައި އޮތް އެތެރޭގެ ކޯޅުންތަކާއި ބައިބައިވުންތައް ނައްތާލައްވައި ދައުލަތުގެ ބާރުތައް މަރުކަޒުކުރެއްވި އެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ތެރޭގައި ރާއްޖޭގެ އިދާރީ ނިޒާމު އޮތީ ވަރަށް ބޮޑަށް ވިއްސިވިހާލިވެފައެވެ. ރަސްކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ތަކުރުފާނު ވަނީ މާލޭގައި ރިޔާސީ ގަނޑުވަރެއް ބިނާކުރައްވައި، ދައުލަތުގެ އިދާރީ ކަންކަން އެއްތަނަކުން ހިންގުމުގެ އުސޫލުތައް ކަނޑައަޅުއްވާފައެވެ. އެމަނިކުފާނުގެ ކާމިޔާބީގެ އެއް ސިއްރަކީ، އިތުބާރު ކުރެއްވޭ، ޤާބިލު ބޭފުޅުންނާ މުހިންމު މަސްއޫލިއްޔަތުތައް ޙަވާލުކުރެއްވުމެވެ.
އެންމެ ފާހަގަކޮށްލެވޭ އަނެއް އިޞްލާޙަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދާއިމީ އަދި ތަމްރީނު ލިބިފައިވާ “ލަޝްކަރެއް” އުފެއްދެވުމެވެ. މީގެ ކުރިން ރާއްޖޭގައި އޮތީ ބޮޑު ކަމެއް ދިމާވުމުން ވަގުތީ ގޮތުން މީހުން އެއްކޮށްގެން ހަނގުރާމަކުރާ ނިޒާމެކެވެ. ނަމަވެސް ބޮޑުތަކުރުފާނު ވަނީ ސިފައިންނަށް (ހަގު ބޭކަލުންނަށް) މުސާރައިގެ ގޮތުގައި ބޮއްޔާއި، ރޯނާއި، ޔުނީފޯމާއި، ހަނޑޫ ދެއްވައިގެން، ޑިސިޕްލިންއާއި ވަފާތެރިކަން އަށަގަންނަވާފައެވެ. މިއީ މިއަދުގެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ އަސްލު ކަމުގައި ބެލެވެއެވެ. ދާއިމީ ލަޝްކަރެއް އުފެއްދެވުމަކީ 2 ވަނަ ދަރަޖައިގެ މުހިންމު ނަތީޖާތަކެއް ނެރުނު ކަމެކެވެ. މީގެ ސަބަބުން ދައުލަތުގެ ބާރު މަރުކަޒީ ވެގެންދިޔައެވެ. ބޭރުގެ ބާރުތަކުން ރާއްޖެއަށް ޙަމަލާދިނުމުގެ ފުރުސަތު ހަނިވެ، އެތެރޭގެ ސުލްޙަ މަސަލަސްކަން ކަށަވަރުކުރެވުނެވެ.
ފައިސާގެ އައު ނިޒާމު: “ދިގު ލާރި”
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިސާ ފޮއްޗެއް ނެރުއްވީ މުޙައްމަދު ތަކުރުފާނެވެ. އެއީ ރިހި ނަރުން ހަދާފައިވާ “ލާރި” ނުވަތަ “ދިގު ލާރި”އެވެ. މީގެ ކުރިން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އައީ ބޮއްޔެވެ. ދިގު ލާރިއަކީ ގާތްގަނޑަކަށް ތިން އިންޗި ހުންނަ ރިހި ނަރެއް މެދުން ލަންބާލުމަށް ފަހު، އެމަނިކުފާނުގެ ނަންފުޅާއި ސިއްކަ ޢަރަބި އަކުރުން ޖަހާފައިވާ ފައިސާއެކެވެ ބޮލީގެ ބަދަލުގައި ރިހި ލާރި ތައާރަފުކުރުމުގެ ފަހަތުގައިވާ ތިންވަނަ ދަރަޖައިގެ ސިޔާސީ ވިސްނުމަކީ ވަރަށް ފުން ވިސްނުމެކެވެ. ފާރިސީ ގަލްފުން ފެށިގެން އިންޑިއާ އާއި ސިލޯނާ ހަމައަށް ވިޔަފާރީގައި ބޭނުންކުރަމުން އައި “ލާރިން” މަރުކާގެ ފައިސާ ރާއްޖޭގައި އުފެއްދުމުން، ރާއްޖޭގެ ވިޔަފާރި ސީދާ ޢަރަބިންނާއި އިންޑިއާގެ މިނިވަން މުސްލިމް ވިޔަފާރިވެރިންނާ ގުޅާލެވުނެވެ. މިއީ ޕޯޗުގީޒުންގެ އިޤުތިޞާދީ ބާރުވެރިކަމުން ރާއްޖެ މިންޖުކޮށް، ރާއްޖޭގެ އިޤުތިސާދީ ސިޔާދަތު ދުނިޔޭގެ ކުރިމަތީގައި އިޢުލާންކުރުމަށް އެޅުނު މާސްޓަސްޓްރޯކެކެވެ.
ބޮޑު ތަކުރުފާނުގެ ލީޑަރޝިޕްގައި ރައްޔިތުންގެ ފުދުންތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ދަރަނިވެރިންގެ ދަރަނި ދައުލަތުން އަދާކޮށްދެއްވި އެވެ. އަދި އިންޑިއާ އާއި މަލަބާރުން އަންނަ މުސްލިމް ދަރަނިވެރިންނަށް ވެސް އެހީތެރިވެދެއްވި އެވެ. މީގެ އިތުރުން، ބޮޑުންގެ ފަރާތުން ރައްޔިތުންގެ އަތުން މަޖުބޫރުން (ނަހަމަ ގޮތުގައި ޓެކްސްގެ ގޮތުގައި) ލުނބޯ، މިރުސް އަދި ދޮންކެޔޮ ފަދަ ތަކެތި ހިފުން މަނާކުރެއްވި އެވެ. މިއީ ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން ހުއްޓުވައި، ނިކަމެތިންނަށް ރައްކާތެރިކަން ދިނުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ.
ބޮޑު ތަކުރުފާނުގެ ލީޑަރޝިޕަކީ ހަމައެކަނި ހިތްވަރުގަދަ ގެރިލާ ކޮމާންޑަރެއްގެ ލީޑާޝިޕެއް ނޫނެވެ. އޭގެ ބަދަލުގައި، އެމަނިކުފާނަކީ ރާއްޖޭގެ ޒަމާނީ ދައުލަތް ހިންގުމުގެ ނިޒާމުގެ ބިންގާ އެޅުއްވި މޭސްތިރިޔާއެވެ. އެމަނިކުފާނުގެ ލީޑަރޝިޕްގައި ފެނިގެންދިޔައީ އަސްކަރީ ސްޓްރެޓެޖީގެ މޮޅުކަމާއި ޑިޕްލޮމަސީގައި ބޭރުގެ ބާރުތައް ބެލެންސްކުރުމުގެ ހުނަރުވެރިކަމާއި އިދާރީ ހިންގުންތެރިކަމާއި އިޤުތިސާދީ ދުރުވިސްނުމާއި އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޯގާތެރި، ޢަދުލުވެރި، އަދި އިސްލާމީ އުސޫލުތަކަށް ބިނާވެފައިވާ ސިޔާސަތުތަކެކެވެ.

