
މި އޮގަސްޓް 5ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ.ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން “ފްރެންޑް 4” ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމަށް މިއަދަށް ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިމޭނެ، ގެއްލުނު މީހުންގެ އެއްވެސް ހިލަމެއް ނުވާކަމަށް ޤައުމީ ދިފާއީ ބާރު ބުނެފިއެވެ.
ދިފާއީ ބާރުން ބުނީ، ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ޤާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، މި ހާދިސާ ހިނގިވަގުތުން ފެށިގެން “އަންމޭންޑް އޭރިއަލް ވެހިކަލް” ބޭނުންކޮށްގެން އަންނަނީ މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރެވެމުން ކަމަށެވެ. މި ޔޫއޭވީއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައި ވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލުކަން ހުރި ޔޫއޭވީ ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީ ބޭނުންކޮށްގެން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެނޫން ވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ވަނީ ޔޫއޭވީގެ ސެންސަރތައް ބޭނުންކޮށްގެން ދެނެގަނެވިފައެވެ.
މީގެއިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު “ކޯސްޓްގާޑް ޝިޕް އިމާދުއްދީން”ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި މި ސަރަޙައްދު ބަލާފައެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބެލިފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން މި ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބަޔެއް ވަނީ ބެލިފައެވެ. އަދި މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެއެވެ. މި ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. މި ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި އަދި ފުލުހެއް ހިމެނެއެވެ. އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނެއެވެ.
މި ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި 2 ބިދޭސީން ސަލާމަތްކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާ އެކު ކޮށްފައިވާ މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ. އަދި ހަމައެހެންމެ ސިފައިންނާއި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބަޔެއްކަމުގެ ލާމަސީލް ނަމޫނާ މިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުއާއި، ސާޖަންޓް ޢަލީ ސައިފްގެ ފަރާތުން ފެނިގެންގޮސްފައެވެ. މީގެއިތުރުން މި މަސައްކަތުގައި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤު ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތް ވެސް ފާހަގަކޮށްލަންޖެހެއެވެ. ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން ވަނީ އޭނާއާ ޙަވާލުވެފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައެވެ. ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާ އެކު މަސައްކަތްކޮށްފައި ވާ އިރު، ދޯނި އަޑިޔަށްދިޔައީ ވަރަށް ކުއްލިގޮތަކަށެވެ. ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ.
މި ހާދިސާގައި ދޯނި އަޑިޔަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށެވެ. ދޯނި އަޑިޔަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިނަށް ބަލާ އިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވެއެވެ. މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން ފާހަގަކުރަމެވެ.
މި ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާ އިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

